ގެމަނަފުށީ އެފްސީ 32 ބޯއީސް ދަނޑަށް ހާޒިރުނުވުމުން، ފައިނަލުގެ ފަހުޖާގަ ކޭއެފްސީ ކޮޑަކަހަނޑާއަށް
Written by އަތުކުރިސްނިކާރސް ކިއްސަރު ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ދެވަނަމެޗްގައި ގެމަނަފުށީ އެފްސީ 32 ބޯއީޒާއި ކޭއެފްސީ ކޮޑަކަހަނޑާ މިމަހުގެ 19 ވީ އާދީއްތަ ދުވަހު ކުޅުނު މެޗުގެ ބޭރުން ހިނގާދިޔަ ހަމަނުޖެހުމަކާއި ގުޅިގެން ހުއްޓާލިމެޗުގެ ފަހުހާފުގެ ކުޅުން މިއަދު ކުޅެން ހަމަޖެހިފައިވަނިކޮށް ގެމަނަފުށީ އެފްސީ 32 މިއަދުގެ މެޗަށް ހާޒިރުނުވިކަމަށް ކަނޑަޅައި އެދުވަހު ގެމަނަފުށީ އެފްސީ 32 ބޯއީސް އާއި ދެކޮޅަށް ނުކުތް ކޭއެފްސީކޮޑަކަހަނޑާ އަށް ފައިނަލްގެ ފަހުޖާގަ ދީފިއެވެ.
މަޢުލޫމާތުލިބިފައިވާގޮތުގައި، އެދުވަހުގެ މެޗު ހުއްޓާލީ، އެދުވަހުގެ ރެފްރީއަކަށް ހުންނެވި އެފްއޭއެފްގެ ރެފްރީ ނާޝިދުގެ ކޮއްކޮއެއްކަމަށްވާ ގއ.ގެމަނަފުށި، އިބްރާހީމް ކަލީމުގެ ގައިގާ ކޮނޑެއަށް ދިރިއުޅުންބަދަލުކޮށްފައިވާ ގއ.ދިޔަދޫ ،ފޮޅޭމާ އަބްދުﷲ ތަސްލީމާއި އޭނާގެ ކޮއްކޮ އިބްރާހީމް ޔާމީން އާއި އަބްދުﷲ ޝާމް މާރާމާރީހިންގުމާއި ގުޅިގެންނެވެ.
ކަލީމުގައިގާ ބަޔަކުމީހުން ތަޅައިމާރާމާރީ ހިންގައިގެން އުޅޭކަމަށް ނާޝިދުގާތުގައި ބުނުމަށް ގެމަނަފުށީ ޞަލާހު ދަނޑަށް އެރުމާއި ގުޅިގެން، ގެމަނަފުށީސަޕޯޓަރަކު ދަނޑަށް އެރީކަމަށްބަލައި، މެޗްހުއްޓާލުމާއި ގުޅިގެން ގެމަނަފުށީ 32 ބޯއީސް ޓީމު 2500 ރުފިޔާއިން ޖޫރިމަނާކޮށް އެމެޗްގެ ކުޅުން އަލުން ކުޅޭގޮތަށް ހަމަޖައްސާފައެވެ.
ސެމީފައިނަލްމެޗް އޮތްދުވަހު ދަނޑުން ބޭރުގައި ހިނގާދިޔަ ހަމަނުޖެހުމާއި ގުޅިގެން އެޓީމަށް އައި ސަސްޕެންޝަނާއި މެދު، ގެމަނަފުށީ ޓީމުގެ ކުޅުންތެރިން ހިތްހަމަނުޖެހިގެން މިއަދު މެޗްކުޅެން ކޮނޑެއަށް ގޮސްފައެއްނުވެއެވެ.
އެކަމާއި ގުޅިގެން ސަޕޯޓަރުން ނުވައްދާ ކުޅެން މިއަދު ކުޅެން ހަމަޖެހިފައިވާ ސިލްވަރގޯލުގެ 10 މިނެޓްގެ ފަހުހާފް ކުޅެން ގެމަނަފުށީ އެފްސީ 32 ބޯއީސް ދަނޑަށް ހާޒިރުނުވުމާއި ގުޅިގެން، ކޭއެފްސީ ކޮޑަކަހަނޑާ ޓީމު މެޗުން މޮޅުވިކަމަށް ކަނޑައަޅައި އެޓީމު ސްނިކާރސް ކިއްސަރު ޔޫތް ކަޕް 2010 ވަނައަހަރުގެ ފައިނަލަށް ވަނީ ގޮސްފައެވެ.
ހަމަނުޖެހުން ހިނގިސެމީފައިނަލްގެ މެޗު ހުއްޓާލިއިރު، 2 ލަނޑު 1 ލަނޑުން ކުރީގައި އޮތީ ގެމަނަފުށީ އެފްސީ 32 ބޯއީސް އެވެ.
މުބާރާތުގެ ޝެޑިއުލް އޮތްގޮތުން މާދަމާ ކުޅެންޖެހޭނީ މުބާރާތުގެ ފައިނަލް މެޗެވެ. އަދި މިއަދު ކުޅެން ހަމަޖެހިފައިވާނީ މުބާރާތުގެ 03 ވަނަ ހޮވާ މެޗެވެ. ނަމަވެސް މުބާރާތުގެ 03 ވަނަ ޓީމު ހޮވާމެޗް ނުކުޅޭގޮތަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތުލިބެއެވެ.





