30 Aug 10

އެމަންޒިލް / ތިންވަނަ އަދަދު

Print Email
Written by thasveer
Multithumb found errors on this page:

There was a problem loading image /home1/pigthrth/public_html/gm/images/stories/e manzil.jpg

e%20manzil.jpg

ދުނިޔެއަކީ ގުދުރަތުން ހާދަފުރިހަމަޔަށް ތައްޔާރުކުރައްވާފައިވާ ތަނެކެވެ. ދުނިޔޭގައި ލައްވާފައިވާ ކުދި ބޮޑު ހުރިހާ ސޫފިތަކެއެވެ. އަދި ދުނިޔޭގައި ލައްވަވާފައިވާ ގުދުރަތީ ރީތި ކުލަތަކާއި މަންޒަރުތަކެވެ. ހަމައެގޮތަށް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ގުދުރަތުން ވަކިކަންތައްތަކެއް ލައްވަވާފައިވާ ބަޔެކެވެ. މަސައްކަތް ކުރުމުގެ ބާރާއި ވިސްނުމުގެ ބާރެއެވެ. ނަމަވެސް އަޅުގަނޑުމެންނަށް ދުނިޔޭގެ ބޭނުން ފުރިހަމަ ގޮތުގައި ނުހިފެއެވެ. ދިމާވާ ހާލަތްތަކުގައި އެކަމުން ސަލާމަތް ވުމުގެ ބަދަލުގައި ތަގުދީރޭ ކިޔާ ތިބެވެނީއެވެ. އަހައްނަށްވެސް ހީކުރެވުނީ ހަމަ މިބީދައިންނެވެ. އަހަރެން ހީކުރީ މިއީ ހަޔާތުގެ ނިމުން ހުރިގޮތްކަމަށެވެ. ތަގުދީރު އަހަންނަށް ދެއްކި މަގުކަމަށެވެ. އެހެންކަމުން ވޭނާ ހިތާމާގައި ދުވަސްތައް އެމަންޒިލްގައި އަހަރެން ހޭދަކުރަން ފެށީމެއެވެ. ނާއުންމީދާ ހިތްދަތިކަމުގައެވެ. އަހަރެން ހީކުރީ މިއީ އަހަންނަށް ކުރެވިފައިވާ ކުށެއްގެ ޝަޒާ އަހަންނަށް ލިބެނީ ކަމަށެވެ. އެހެންކަމުން މިވޭންތަކަށް އަހަރެން ތަހައްމަލް ކުރަމުން ދިޔައީމެވެ. ގިނަފަހަރު ޚުދު އަހަރެން އަމިއްލައަށްވެސް އަނިޔާ ކުރަމެވެ. ދުނިޔޭގެ ދިރިހުރުމަށް ނޭދޭ މީހެއްގެ ހަރަކާތް ހުންނާނީވެސް އެހެންކަން ޔަގީނެވެ. އެކަނިވެރިވެފައިވާ ހާލުގައި އަހަރެން އެމަންޒިލްގައި ދުވަސްތައް ހޭދަކުރަމުން ދިޔައީމެވެ.

 

އާދުވަހަކަށް މަރުހަބާ ކިޔަމުން އިރު ދުނިޔެއަށް ދައްކާލިއެވެ. އިރުގެ ދަޅަތައް މޫނަށް އެޅުމުން އަހަރެން މަޑުމަޑުން ތެދުވެ އަތިރިމައްޗަށް ނުކުތީމެވެ. އެގަޑީގެ ގޮތުން ވަރަށް ފިނި ވައިރޯޅި އެއިރު ޖެހެމުންދެއެވެ. އަހަރެން އެގޮތަށް އަބަދުވެސް ކޮންމެ ދުވަހަކު އަތިރިމައްޗަށް ނުކުންނަމެވެ. އަދި ހެދުނު ނާސްތާއަށް މަހެއް ހިފޭތޯ ބަލަމެވެ. ގިނަދުވަހު ނަސީބު ވަރަށް ރަގަޅެއެވެ. ފުއްޓަރު މަތިން ވަރަށް ގިނަ މަސްތައް ހިފެއެވެ. ބައެއް ދުވަހު ހުސްއަތާވެސް އަބުރާ އަންނަމެވެ. އަހަންނަކީ މިކަހަލަ ތަޖުރިބާ މީގެ ކުރިން ކޮއްފައި ހުރި މީހަހަކަށް ނުވާތީ މިއީ އަހަންނަށް މުޅިން އާކަމަކަށް ވިއެވެ. ގިނަމަސްތަކަށް ކިޔާ ނަމެއްވެސް އަހަންނަކަށް ނޭގެއެވެ.

ހެނދުނުގެ ނާސްތާއަށްފަހުގައި އަތިރިމަތީގެ ހުރި ގަހެއްގައި ބޯއަޅާލައިގެން އަހަރެން އޮތީމެވެ. ހަޔާތާމެދު ފިކުރުބޮޑުވެފައެވެ. މިގޮތަށް އޮއްވާ އަހަރެން ސިއްސުވާލީ ކާޅެއް ވަރަށް ބާރަށް ގޮވާލިއަޑަށެވެ. އަހަރެން ތެދުވެ އެކާޅު އެތަނުން ފައްސާލެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ކާޅު އަހަރެންގެ މޫނަށް ބަލަހައްޓާގެން އިދެ އާދަޔާ ޚިލާފު ގޮތަކަށް ގޮވަނީއެވެ. އަހަރެން ފުރަތަމަ ބިރުވެސް ގަތެއެވެ. ކާޅުގެ ހަރަކާތައް އަހަރެން ބަލަން ހުއްޓާ ކުއްލިއަކަށް ލޮލުގައި އަޅާގަތީ ދުއްވާފައި އަންނަ އޮޑިއެކެވެ. އެއޮޑި ދަތުރުކުރަމުން ދަނީ ވަރަށް ދުރުންނެވެ. އެހެންކަމުން އަހަންނަށް އޮޑި ފެންނަނަނީ ވަރަށް ކުޑަކޮށެވެ. ދެން މަސައްކަތް ފެށީ އުސްތަނަކަށް އަރާ އެމީހުންނަށް ހަނަ އެލޭތޯއެވެ. މިގޮތުން އަހަރެން ނާރާ ދިގުރުކެއް ގަހެއް އެމަންޒިލްގައި މަދުވާނެވެ. އިރާދަފުޅުން އަހަރެންގެ މަސައްކަތް ވަރަށް ކާމިޔާބެއެވެ. އެންމެ ފަހުން މަންޒިލާ ދިމާލަށް އެއޮޑި އަންނަތަން ފެނުނެވެ. ކައިރިވާވަރަކަށް އަހަންނަށް އެއޮޑީގެ ފުރިހަމަކަން ފެންނަން ފެށިއެވެ. އަހަންނަށް އިތުރު ހައިރާންކަމެއް ލިބުނީ އެއޮޑި މަންޒިލް ކައިރިއަށް އައުމުންނެވެ. އެއީ އަހަރެން ވަރަށް ރަގަޅަށް ދަންނަ އޮޑިއެކެވެ. އަހަރެން ކުޑައިރު ރަހުމަތްތެރިންނާއެކީ އެއޮޑީގެ ވާހަކަ ވަރަށް ދައްކަމެއެވެ. އަދި އެއޮޑިއަށް އެރުމަކީ އެއީ އަހަރެންގެ ހިތުގައި އުފެދިފައިވާ އަޒުމެކެވެ. ކުޑައިރު އެއޮޑި އަހަރެމެންގެ ރަށުގެ ބޭރުގައި އަޅާފައި އޮންނަ އިރު އަހަރެމެން އެއޮޑިއަށް އެރޭތޯ ދަމެއެވެ. ވަރަށް ސިއްރުންނެވެ. ނަމަވެސް އެއޮޑީގެ މާލިމީއަކަށް ހުންނަނީ ވަރަށްވެސް އަހަރެމެން ބިރުގަންނަ މީހެކެވެ. އޭނަ އަހަރެމެން ފަހާގަންނާނެތީ އަދި އޭނަޔަށް ފެނިދާނެތީވެސް ވަރަށް ބިރުގަނެއެވެ.

އޮޑި ރިޔަލުގެ ވަޔާއެކީ އައިސް އެމަންޒިލްގެ ކުރިމަތީގައި ބަދަރުކުރީއެވެ. އަހަރެން މިކަމާ ވަރަށް އުފާވިއެވެ. ހީވީ ހަޔާތައް އިތުރު ރޯޝަން ކަމެއް ލިބިގެން ދިޔަހެންނެވެ. ދިރިއުޅުމުގެ އުންމީދު ގެއްލިފައިވާ މީހެއްގެ ހަޔާތުގެ ހުޅުކޮޅު އަލުން ދިއްލުނު ކަހަލައެވެ. އަހަންނަށް ބަލަން މަޑަކުން ނުހުރެވުނެވެ. އަތުޖެހޭ ހިސާބެއްގައި އޮތް ފިލާފޮތްޗެއް ނަގާ މޫދަށް ފުއްމާލީމެވެ. ފެންބޮވާގެންފައިވާ މީހެއް ފެންފޮދެއް ލިބުމުން އުޅޭފަދައިން ނެވެ. ހަލުވި ބާރެއްގައި ފަތާފަގޮސް އަހަރެން އެއޮޑިއަށް އެރީމެވެ. އަދި އަހަރެންގެ ހާލަތު ވަރަށް ރަގަޅަށް ކިޔާދިނީމެވެ. އަހަރެންގެ މާޔޫސްވެފައިވާ ހިތުގެ އިހުސާސް ވަރަށް ރަގަޅަށް ހުށައަޅާ ދިނީމެވެ. އަހަރެން ސަލާމަތް ކުރުމަށް އެދި އާދޭސް ކުރީމެވެ. އަހަރެންގެ އެދުންތަކަށް އެއޮޑިން ލިބިގެން ދިޔައީ ވަރަށްވެސް ފުރިހަމަ ތަރުހީބެކެވެ. އަދި އަހަންނަށް ވަރަށް ކަމޭހިތާ އަހަންނަށް ކާންދީ އެއޮޑީގައި އެރޭ އަހަރެން ނިންދަވާދިނެއެވެ. އަހަންނަށް އުފަލުން އެރޭ ރަގަޅަށް ނުވެސް ނިދުނެވެ. ދެކޮޅަށް ފުރޮޅި ފުރޮޅި އޮއްވާ އިރު އެރީއެވެ.

އެދުވަހު ހެދުނުގެ ނާސްތާއަށްފަހު އަހަރެން ރަށަށް ގެންގޮސްދިނުމަށް އެދުނީމެވެ. ނަމަވެސް އެއޮޑިން އަހަންނަށް ދިނީ އެހެން ޖަވާބެކެވެ. އަހަރެން އެޖަވާބާމެދު ހުއްޓުން އެރިއެވެ. ނަމަވެސް އެއީ ހަޔާތުގައި ގޮތް ހުސްވެފައިވާ މީހަކަށް ގޯސް ޖަވާބެކޭ ނުދެންނެވޭނެވެ. އޮޑިން އަހަންނަށް ދިން ޖަވާބަކީ ރަށަށް ދެވޭކަށް ނެތް ވާހަކައެވެ. އެމީހުންގެ ދަތުރުމިސްރާބު ހުރީ ވަކި ރާސްތާއެއް ހޯދަންވެގެންނެވެ. އެހެންކަމުން ރާސްތާ ކަޑައްތުކުރުމުގައި އެއޮޑީގައި ބައިވެރި ވެއްޖެނަމަ އެއީ އެމީހުންވެސް އެދޭގޮތްކަމުގައެވެ. އަހަންނަށް މިކަމާ ވިސްނާލަން ބޭނުންވިއެވެ. އަދި ހަޔާތުގެ މިފަދަ ބޮޑު ނިންމުމެއް ނިންމަން ޖެހުމުން އެއީ އުދަގޫކަމަކަށް ވިއެވެ.

އެދުވަހު އެއޮޑިން އަހަރެން މަންޒިލަށް ފޭބީމެވެ. އަދި އަހަރެން ހަޔާތުގެ ކުރިމަގު ބައްޓަން ކުރާނެ ގޮތާމެދު ވިސްނަން ފެށީމެވެ. އެއްކޮޅުން އެމަންޒިލެއެވެ. އަހަރެން ގިނަ ދުވަސްތަކެއް ކޮއްފައިވާ އެކަނިވެރިކަމުގެ މަންޒިލެއެވެ. އަނެއްކޮޅުން ދަތުރު ފަށަން މިޖެހެނީ އާރާސްތާއެއް ހޯދަން އޮޑިއެއްގައެވެ. ހަޔާތުގެ ދަތުރު ދެކަފިވުމުން އަހަރެން ދެން ހަދާނެ ގޮތާމެދު ވިސްނަން ފެށީމެވެ. އަހަރެންގެ ޖަވާބަކަށް އިންތިޒާރުގާ އޮޑި މަންޒިލް ބޭރުގައި ބަދަރުކޮއްގެން އޮތީއެވެ. އަހަރެން ބަހައްޓާފައި ދާށޭވެސް އެއޮޑީގައި ބުނާކަށް ނުކެރުނެވެ. އަދި އެއޮޑީގައި ދަތުރުފަށާހާ ހިތްވަރެއްވެސް ނުލިބުނެވެ.

މިގޮތަށް ދުވަސްތައް ހޭދަވަމުން ދާންފެށިއެވެ. އަހަރެން ބައެއް ދުވަހު އެއޮޑިއަށްވެސް ދަމެއެވެ. އަހަރެން ދިޔުމުން އަހަންނަށް ވަރަށް ކަމޭހިތާ އަހަރެންގެ ފިކުރުތަކާ ވިސްނުންތަކަސް އެހީތެރިވެދެއެވެ. އެގޮތަށް ދާދިޔުމުގައި އަހަންނަށް އަދި އެއްކަންތައް ފާހަގަވިއެވެ. އަހަރެން އެއޮޑިއަށް ދަނީ ފަތާފައެވެ. އަހަރެންދާ ކޮންމެ ފަހަރަކު އޮޑި ކައިރިން އަހަންނާ މިއަރެއް ދިމާކުރައެވެ. އޭތި ހީވާގޮތުން އެއޮޑިއަށް އަހަރެން އެރުމަށް ހުރަސް އަޅާކަހަލައެވެ. އަދި އަހަރެން އޮޑިއާ ދުރައްދާށޭވެސް ބުނާކަހަލައެވެ. އަހަރެން މިކަމާ މާބޮޑަށް އަޅާނުލަމެވެ. އަދި އެވާހަކަ އެއޮޑީގައިވެސްނުދައްކަމެވެ.

ދުވަސްތައް މިގޮތަށް ވާންފެށުމުން އަހަރެންގެ ހިތުގައި އިތުރު ބިރުވެރިކަމެއް ފެތުރިގެންދިޔައެވެ. ނަސީބު އަތުން ގެއްލިގެންދާނެ ކަމުގެ ބިރުވެރިކަމެވެ. އާއެކެވެ. އެއޮޑި އެއީ އަހަރެންގެ ނަސީބުކަންނޭގެއެވެ. އަދި އަހަރެންގެ ކުރިމަގަކީ އެއީ ކަމަށްވެސް ވެދާނެއެވެ. ޔަގީނެއެވެ. އެއީ އަހަންނަށް ރަގަޅު ދިރިއުޅުމަށް އޮތް ހަމައެކަނި ރާސްތާއެވެ. އަހަރެން ބޭނުންވަނީ ދަތުރު ފަށާށެވެ. އަހަރެން މިމަންޒިލްގައި ދިރިއުޅޭކަށް ބޭނުމެއްނޫނެވެ.

{iarelatednews articleid="186,185"}