12 Dec 10

މުޅި ދުނިޔެ ސިއްސުވާލި "ވިކިލީކްސް"

Print Email
Written by Bolhey

ވިކިލީކްސްގެ ލޯގޯ އަދި އަދި މޮޓޯއެއް

2006 ވަނަ އަހަރު އުފެދުނު ވިކިލީކްސްގެ ވެބްސައިޓަކީ މިވަގުތު މުޅި ދުނިޔޭގައި އެންމެ ނަންހިގާ އެއް ވެބްސައިޓެވެ. އަދި ހަމަ އެހެންމެ ވިކިލީކްސްގެ ފައުންޑާރ އަދި ޑިރެކްޓަރ ޖޫލިއާން އަސާންޖް އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޯސްޓް ވޯންޓެޑް މީހާއަށްވަނީ ވެފައެވެ. ޖޫލިއާން ގެ ވިކިލީކްސްއަކީ ހިލޭސާބަހަށް މަސައްކަތްކުރާ މީޑިއާ އޯގަނައިޒޭޝަންއެކެވެ. ވިކިލީކުގެ މައިގަނޑުމަގުސަދަކީ މިނިވަންކަމާއެކު ތާރީޚީ އަދި ތެދު މައުލޫމާތު ދުނިޔޭގެ މީޑިއާތަކަށް ފޯރުކޮށްދިނުމެވެ.

ވިކިލީކްސްގެ ފައުންޑާރ ޖޫލިއާން ދުނިޔޭގެ އެނެމެ ވޯންޓޭޑް ލިސްޓަށް އަރާފައި މިވަނީކީ ސަބަބުތަކެއް ނެތިއެއްނޫނެވެ. ޖޫލިއާންވަނީ ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރީ އަދި ޓެކްނޮލޮޖީއަށް މޮޅު އެމެރިކާގެ ފަތިފުށް ވިކިލީކްސް ވެބްސައިޓުގައި ހާމަކޮށްފައެވެ. މިހާތަނަށް ވިކީލީކްސް އިން ހާމަކޮށްފައިވާ އެމެރިކާގެ ފަތިފުށުގެ ކުރު ޚުލާސާއެއް މިހިސާބުން ހިމަނާލާނަމެވެ.

 

05 އެޕްރީލް 2010ގައި ވިކިލީކްސް އިންވަނީ ބަގުދާދުގައި އެމެރިކާ ސިފައިން ރަހުމްކުޑަގޮތަކަށް ރޮއިޓާސްގެ ދެ ނޫސްވެރިންނާއި އިތުރު ބަޔަކު މަރާލި މަންޒަރުގެ ވީޑިއޯ އާންމުކޮށްފައެވެ. މިވީޑިއޯއަކީ އެމެރިކާގެ އަޕާޗޭ ހެލިކަޕްޓަރތަކުން ނަގާފައިވާ ވީޑިއޯއެކެވެ. މިވީޑިއޯއިން ފެންނަނީ ބަގުދާދުގެ މަގެއްގައި 20 ވަރަކަށް ޒުވާނުން (ރޮއިޓާސްގެ 2 ނޫސްވެރިންނާއެކު) ހިނގާލާފައިދާ މަންޒަރެވެ. އެމަންޒަރު ހެލިކަޕްޓަރުތަކަށް ފެނުމުން އެމީހުން ކާރިން ބަލާލިއިރު ރޮއިޓާސްގެ 2 ނޫސްވެރިންގެ ކޮނޑުގައި 2 ކެމެރާ އަޅުވާފައިވާ މަންޒަރު ފެނެއެވެ. އެވަގުތު އެމީހުންގެ ކޮމާންޑަރަށް އެއީ ރައިފަލްތަކެއް ކަމަށް އަންގާ އެމީހުންގެ ގަޔަށް ބަޑިޖެހުމުގެ ހުއްދަ ހޯދައެވެ. ހުއްދަ ލިބުމާއެކު އެމީހުންގެ ގަޔަށް ބަޑިޖަހާ މަރާލައެވެ. އެހެންނަމަވެސް ރޮއިޓާސްގެ އެއް ނޫސްވެރިއަކު ޒަހަމްވެފައިވާ ހާލު އެހީއަށްއެދި ފޯނުކުރިއެވެ. އެވަގުތު އޭނާއަށް އެހީތެރިވުމަށް ވޭނެއައެވެ. އެވޭނުގައި 2 ކުޑަކުދިންނާއި އެކުދިންގެ ބައްޕަވެސް އިނެވެ. ވޭނުން ފައިބާ ޒަހަމްވެފައިވާ ރޮއިޓާސްގެ ނޫސްވެރިޔާ ވޭނަށްއަރުވަން އުޅެނިކޮށް ހެލިކަޕްޓަރުތަކުން އަނެއްފަހަރަށް ބަޑިޖަހައެވެ. އެ ހާދިސާގައި ކުޑަ ދެ ކުދިންގެ ގަޔަށް ވަނީ ވަޒަން އަރާ ވަރަށްބޮޑަށް އަނިޔާވެފައެވެ. އަދި އެހެން އެހެން އެނެމެން މަރުވެފައެވެ. އެމެރިކާގެ ހެލިކަޕްޓަރުތަކުން ބަޑިޖަހަމުން ދިޔައިރު އެމީހުންގެ ވާހަކަތަށްވެސް މި ވީޑިއޯގައި ގެނެސްދީފައިވެއެވެ. ބަޑިޖަހަމުންދިޔައިރު އުފާފާޅުކޮށް އެމީހުން އެކަކު އަނެކަކަށް މަޖާކުރާއަޑު ވަރަށް ރީތިކޮށް މިވީޑިއޯއިން އަޑުއިވެއެވެ.

މި ވީޑިއޯއަކީ ދުނިޔޭގެ ހުރިހާ ނޫސް ޗެނެލަކުން ދައްކާފައިވާ އިބުރަތްތެރި ވީޑިއޯއެކެވެ. އަދި މިވީޑިއޯއިން އެމެރިކާ ސިފައިންގެ ރަހުންކުޑަކަމާއި އެމީހުން އިރާގުގައި ހިންގި ޖަރީމާތަށް ވަރަށްބޮޑަށް ސިފަވެފައިވެއެވެ. މިވީޑިއޯ ވިކިލީކްސްއިން އާންމުކުރުމުގެ ސަބަބުން މުޅި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ވަނީ އެލާޓަށް އައިސްފައެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެމެރިކާއަށް ގޮންޖަހާލާ އެމީހުންގެ ސެކިއުރިޓީ ފަޅާލާ ދުނިޔެއަށް ތެދު ހަގީގަތް ވިކިލީކްސްއިން ވަނީ ގެނެސްދީފައެވެ.

 

di-112921011886.jpg

މި ވީޑިއޯގެ އިތުރުން 25 ޖޫން 2010ގައި ވިކިލީކްސް އިންވަނީ އަފްއާނިސްތާނާއި ދެކޮޅަށް އެމެރިކާއިން ކުރި ހަނގުރާމައިގެ "ހަނގުރާމައިގެ ޑައިރީ" ނުވަތަ "ލޮގް"ތަށް ވެސް ލީކްކޮށްފައެވެ. އެ ހަނގުރާމައިގައި ހިނގި ކިތަންމެ ކުޑަކަމެއްނަމަވެސް މި ލޮގްތަކުގައި (ޑައިރީގައި) ވެއެވެ. ހަނގުރާމައިގައި އެމެރިކާ ސިފައިން ބެލެހެއްޓި ހުރިހާ މައުލޫމާތަކާއި މުއާމަލާތެއް މި ލޮގްތަކުގައިވެއެވެ. މިލޮގްތަކުން އެމެރިކާ ސިފައިން ހިންގި އެތަކެއް ޖަރީމާތަކަކާއި، އެކި ހާދިސާތަކާއި ގުޅިގެން އެމީހުން ހަދާފައިވާ ދޮގުތަށް ވަނީ ފަޅާއަރާފައެވެ. އަފްއާނިސްތާނު ހަނގުރާމާއިބެހޭގޮތުން ވިކިލީކްސްއިން ލީކްކޮށްލީ 76900 އަށްވުރެ ގިނަ ލިޔެކިޔުންތަކެވެ.

 

22 އޮކްޓޫބަރ 2010ގައި ވިކިލީކްސްއިންވަނީ އެމެރިކާއިން އިރާގާއި ދެކޮޅަށްކުރި ހަގުރާމައިގެ "ހަނގުރާމައިގެ ޑައިރީ" ނުވަތަ "ލޮގް"ތަށްވެސް ލީކްކޮށްފައެވެ. އަނެއްކާވެސް އެމެރިކާގެ ސަރުކާރު ބޭޒާރުވީއެވެ. ވިކިލީކްސްއިން ނެރޭ މި ލޮގްތަށް ހުންނަނީ ވަރަށް ފަސޭހައިން ބެލޭގޮތަށް ތަރުތީބުކޮށްފައެވެ. އެހެންކަމުން އިރާގު ހަގުރާމައިގައި ނުވަތަ އަފްއާނިސްތާނު ހަނގުރާމައިގެ މީހެއްގެ ނަން، ތަނެއްގެނަން، ތާރީޚް، ހާދިސާއެއް ފަދަ ކޮންމެ އެއްޗެއް ޖެހިޔަސް އެކަމުގެ ހަގީގީ ލިޔެކިޔުންތަށް ވަގުތުން ފަސޭހަކަމާއެކު ހޯދާލެވެއެވެ. އިރާގު ހަނގުރާމައާއި ބެހޭގޮތުން ވިކިލީކްސްއިން ލީކްކޮށްލީ 4 ލައްކައަށްވުރެ ގިނަ ލިޔެކިޔުންތަކެވެ.

 

b_500_0_16777215_00_http___image.gemanafushi.com_di-13129210131815.jpg

މިވަގުތު މުޅި ދުނިޔެ އެލާޓްވެގެން އުޅެނީ 28 ނޮވެމްބަރ 2010ގައި ވިކިލީކްސްއިން ލީކްކޮށްލި އެމެރިކާގެ އެމްބަސީތަކުގެ 2ލައްކަ ފަންސާސްހާހައްވުރެ ގިނަ ލިޔެކިޔުންތަކާހެދިގެންނެވެ. "ކޭބަލް ގޭޑް"ގެ ނަމުގައި ވިކިލީކްސްއިން ލީކްކޮށްލި މި ލިޔެކިޔުންތަކަކީ އެމެރިކާ ސަރުކާރާއި އެކި އެކި ގައުމުތަކުގެ އެމްބަސީތަކާއި އެކު ހިނގާފައިވާ މުއާމަލާތްތަކެވެ. މިލިޔެކިޔުންތަކުން އެމެރިކާސަރުކާރުން ބޭރުގެ އެމްބަސީތަކާއެކު ހިންގާފައިވާއެންމެހާ މުއާމަލާތްތަށް ފެންނަން ހުއްޓެވެ. މިއީ މިހާތަނަށް މިހާގިނަ "ކޮންފިޑެންޝަން" ނުވަތަ ސިއްރު މައުލޫމާތުތަކެއް އެއްފަހަރާ ލީކްކޮށްލި ފުރަތަމަ ފަހަރެވެ. މި ލިޔެކިޔުންތަކުގައި ދިވެހި އެންބަސީއާއި އެމެރިކާ ސަރުކާރާއި އެކު ހިނގާފައިވާ ލިޔެކިޔުންތަށްވެސް ވެއެވެ. ދިވެހި މީޑިޔާތަކުން މި މައުލޫމާތުތަށްވެސްވަނީ ގެނެސްދީފައެވެ. ވިކިލީކްސްއިން ކޭބަލްގޭޑްގެ ނަމުގައި ލީކްކޮށްލި މިމައުލޫމާތުވެސްވަނީ ފަސޭހައިން ބޭނުންކުރެވޭފަދަ އެންސައިކްލޮޕީޑިއާއެްގައެވެ.

 

ވިކިލީކްސްއަށް މިއަދުވަނީ ގިނަގުނަ ގޮންޖެހުނަތަކެއް ކުރިމަތިވެފައެވެ. ދުނިޔޭގެ އޮތް އެންމެ ބޮޑު ބާރު ކަމުގައިވާ އެމެރިކާއާއި ދެކޮޅަށް ވިކިލީކްސްއިން މިކުރަނީ ޖިހާދެއްކަމުގައި އެއްބަޔަކު ދެކޭއިރު އެއްބަޔަކު މިއީ ޓެރަރިސްޓް އަމަލެއްކަމުގައި ދެކެއެވެ. މިގޮތުން ވިކިލީކްސްގެ ޕޭޕާލް އެކައުންޓާއި، ޕޯސްޓްބޮކްސްތަކާއި، ވެބް ޑޮމައިން، ޓުވިޓާރ އެކައުންޓް، ފޭސްބުކް އެކައުންޓް ފަދަ ތަކެތިވަނީ ބަންދުކުރެވިފައެވެ. މިހުރިހާ ފިއްތުންތަކާއެކުވެސް ވިކިލީކްސް އަދިވެސް ދަނީ އިންޓަނެޓްގައި ހިޓަކަށްފަހު ހިޓެއް ގުނަމުންނަމުންނެވެ.

 

ވިކިލީކްސްގެ ވެބްސައިޓަށް ޒިޔާރަތްކޮށްލުމަށް