
ޑިޕްތީރިއާ އަށް ދިވެހިބަހުން ކަރުފޮޅު ލުމޭވެސް ކިޔައެވެ. ޑިޕްތީރިއާއަކީ "ކްރީނެ ބެކްޓީރިއަމް ޑިޕްތީރިއޭ" ނަމަކަށް ކިޔާ ބެކްޓީރިއާއަކުން ޖެހޭ ބައްޔެކެވެ. މިބެކްޓީރިއާ އިންސާނާގެ ކަރުތެރޭއަށް ވަނުމަށްފަހު ޖަރާސީމު ފެތުރިގަނެއެވެ. ޓޮންސިލްއަށާއި ނޭވާލާ ހޮޅިއަށް އަދި ކަރުތެރޭގެ އެކިބަޔަށްވެސް މިބަލިޖެހެއެވެ.
މިބަލިޖެހުން އެންމެ ކައިރި މީހުންގެ ތެރޭގައި މީހުން ގިނަ ތަންތަނުގައި ދިރިއުޅޭ މީހުންނާއި، 15 އަހަރުން ދަށުގެ މިކަމަށް ހާއްސަ ވެކްސިން ނުލިބޭ ކުދިން ހިމެނެއެވެ. މި ބަލީގެ ޖަރާސީމު ކަރުތެރެއަށް ދިޔުމާއި އަލާމާތްތައް ފެނުމާ ދޭތެރޭ ގާތްގަޑާކަށް 2 ހަފުތާ ނުވަތަ ހަތަރު ހަފުތާވަރު ވެދާނެވެ.
މިބަލި އެކަކުގެ ގައިން އަނެކުންގެ ގަޔަށް ފެތުރެނީ މިބަލި ޖެހިފައިހުރި މީހެއްގެ ފަރާތުން ޖަރާސީމު ވައިގެތެރެއަށް ގޮސްގެންނެވެ. އެގޮތުން ނޭފަތުންނާއި، ކަރުތެރެއިން، ލޮލުން، އަދި ހަމުންވެސް މިބަލީގެ ޖަރާސީމު ހަށިގަނޑަށް ތެރެއަށް ހިގައިދާނެއެވެ.
މިބަލި ޖެހުމުން ފެންނާނެ އަލާމާތްތަކަކީ
- ނޭވާލާން އުދަގޫވުން ނޭވާ އަވަސްވެ ހާސްވުން
- ބޮލުގައި ރިއްސާ ، ކާހިތްނުވުން
- ކަރުގެ ލިންފުނޯޑްތައް ދުޅަވުން ، އަދި އެހެންކަމުން ކަރު ބޭރު ފުށުންވެސް ހުންނާނީ ދުޅަވެފައި
- ކަރުތެރެއިން ފޮޅުނަގާ ފާރުވުން
- ހުންއައުން
- އަދި އަޑު ބަދަލްވުން
- ބައެއް ފަހަރު މިބަލީގެ ޖަރާސީމު ހަމުގެ ތެރެއަށްވެސް ދޭ. އެހެންކަމުން ހަމުގެ އެކި މައްސަލަތަކާވެސް ކުރިމަތިވޭ.
ފުރާނައަށް ނުރައްކާވެދާ ހާލަތްތައް އަންނަނީ ގިނަފަހަރު މިބަލީގެ ވެކްސިން ނުޖަހާ ތިބި މީހުންނަށެވެ. އެފަދަ މީހުން މިބަލީގެ ފަރުވާ ހޯދުން ލަސްވެއްޖެ ނަމަ ހިތް ހުއްޓި، ޕެރެލައިސްވެ/ ވާގިނެތި އަދި މަރުވެގެންވެސް ދެއެވެ.
މިބަލި 1990 އަހަރު ތަކުގެ ތެރޭގައި ދުނިޔޭގެ ގައުމުތަކެއްގައި އައުޓު ބުރޭކެއްގެ ގޮތަށް ފެތުރިގެން ދިޔަކަމަށް ތާރީކްތަކުން ދައްކައެވެ. ނަމަވެސް މިގައުމުތަކަކީ މިބަލީގެ ވެކްސިން އެއިރު ދެމުންގެންދާ ގައުމުތަކެއް ނޫންކަން ފާހަގަ ކޮއްލެވެއެވެ. ދެން މި އައުޓު ބުރޭކްތަކުގައި ފާހަގަ ކޮއްލެވޭ އަނެއް ކަމަކީ މީގެތެރެއިން ގިނައީ 3 އަހަރާއި 15 އަހަރާއި ދޭތެރޭ ކުޑަކުދިން ކަމެއެވެ.
ޑީޕީޓީ ވެކްސިން އަކީ ޑިޕްތީރިއާ (ކަރުފޮޅު) ޕާރޓިސަސް (ހޯގޮވާ ކެއްސުން) އަދި ޓެޓްނަސް (އިދިފުށަށް ދަމާބަލި) މިބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ދެވޭ ވެކްސިނެކެވެ. މި ވެކްސިންގެ 3 ޑޯޒް ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަސްވެސް ދެވޭނެއެވެ. އެގޮތުން ފުރަތަމަ ޑޯޒް ދެވެނީ ކުއްޖާ އުފަންވާތާ 6 ހަފުތާވުމުންނެވެ. އަދި 2 ވަނަ ޑޯޒް ދެވޭނީ 10 ހަފުތާ ވުމުން އަދި އެންމެ ފަހު ޑޯޒް ދެވޭނީ 14 ހަފުތާވުމުންނެވެ. މިބަލިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ގަވާއިދުން ލިބިގަތުމަކީ އަޅުގަނޑުމެން ވަރަށްވެސް ވިސްނަން ޖެހޭނެ ކަމެކެވެ. އަދި ހަމައެހެންމެ މިބަލިތަކާއި ބެހޭ މައުލޫމާތު ލިބިގަތުމަކީ ދުޅަހެޔަކަންމަތީ ދިރިއުޅުން ބައްޓަން ކުރުމުގެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމެކެވެ.





