ރިވާވެގެންވާ ގޮތުގައި ޢުމަރު އިބްނި ޢުބައިދުﷲ މަޢުމަރު އެއްފަހަރެއްގައި މަގުމަތިން ހިންގަވާފައި ވަޑައިގަންނަވަނިކޮށް ޒަންދީ އަޅަކާ ބައްދަލުވެ ވަޑައިގަތެވެ. މީނާ އިނީ މޭވާ ބަގީޗާއެއްގެ ފާރަށް ލެނގިލައިގެން ކާށެވެ. ކައިރީގައި ކުއްތާއެއް އޮތެވެ. މީނާ އަނގަޔަށް ސުވަލެއް ލާފައި އަނެއްސުވާ ކުއްތާއަށް އަޅައެވެ. މިޢަޖައިބުވާ މަންޒަރު ފެނިވަޑައިގެން ޢުމަރު މީނާގެ ގާތަށް ވަޑައިގަތެވެ.
ޢުމަރު:ތިޔަކުއްތާއަކީ ކަލޭގެ ކުއްތާއެއްތަ؟
އޭނާ: ނޫން، ސާހިބާ.
ޢުމަރު:އެހެންވިއްޔާ ކަލޭ ކާފަދައިން އޭއްޗަށް ކާންދެނީ ކޮން ސަބަބަކާހުރެ؟
އޭނާ: ޚާލިޤުވަންތަ އިލާހު ދެލޯދެއްވާފައިވާ މަޚްލޫޤަކު ބަލަހައްޓައިގެން ހުއްޓާ އޭނާއަށް ނުދީ އެކަނި ކާން އަޅުގަނޑު ލަދުގަނޭ.
ޢުމަރު:ކަލެއަކީ މިނިވަނެއްތަ. ނުވަތަ އަޅުކުއްޖެއްތަ؟
އޭނާ: އަޅުގަނޑަކީ ޢާޞިމް ވަންހައިގެ މިވެނި މީހެއްގެ އަޅެއް.
މިއަޑު އައްސަވާފައި އެކަލޭގެފާނު ޢާޞިމްވަންހައިގެ އަވަށަށް ވަޑައިގަތެވެ. އަދި އޭނާގެ ސާހިބުމީހާގެ އަތުން އޭނާ ބައްލަވައިގަތެވެ. އަދި އެމޭވާ ދަނޑުވެސް އޭގެ ވެރިފަރާތުން ބައްލަވައިގަތެވެ. އެއަށްފަހު އެއަޅުކުއްޖާގެ ގާތަށް ވަޑައިގަތެވެ.
ޢުމަރު:މާތްﷲ ކަލޭ މިނިވަން ކުރެއްވުމަށް އިރާދަކުރެއްވިކަން ކަލެއަށް އިޙްސާސްވޭތަ؟
އޭނާ: އެހެން ކަމަށްވާނަމަ އެއްކައުވަންތަ މާތްﷲއަށް ޙަމްދުކުރަން، އެއަށްފަހު އަޅުގަނޑު މިނިވަން ކޮށްދެއްވި ފަރާތަށް ޝުކުރުވެރިވަން.
ޢުމަރު:މިހާރު މިބަގީޗާ އޮތް ކޮށްޓާ ފާރަކީވެސް ކަލޭގެ މިލްކެއް.
އޭނާ: އަޅުގަނޑު މަނިކުފާނު ހެކިކޮށް ބުނަން. އަޅުގަނޑު އެބަގީޗާ މަދީނާގެ ފަޤީރުންނަށް ވަޤްފުކޮށްފިން.
ޢުމަރު:ބަލަ ބުއްދިއެއްނެތް މީހާ. އެތަކެއްޗަށް ކަލޭ ބޭނުންވެފައިވާ ޙާލު އަނެކުންނަށް ދެނީ ފަހެ ކީއްވެގެންތަ؟ އޭގެ އެންމެބޮޑު ބޭނުންތެރިއަކީ ކަލޭ ނޫންތަ؟
އޭނާ: އަޅުގަނޑަށް މާތްﷲ އެހާގިނަ މުދަލުން ދީލަތިވެ ވޮޑިގަތުމުން އެމުދަލަށް ދަހިވެތިވެ ބަޚީލުވުމަށް، ﷲގެ ކުރިފުޅުމަތީގައި އަޅުގަނޑު ލަދުވެތިވަން. އެހެންކަމުން އެތަކެތި އަޅުގަނޑު ވަޤުފުކޮށްފިން.





